Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

ވަރަށް ދުވަސް ފަހުން ކަރިޝްމާ ފިލްމަކަށް

ވަރަށް ގިނަ ދުވަސް ފަހުން ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ފީޗާ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ވެސް ފަށައިފި އެވެ.

މި ފިލްމަކީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ "މާޑާ މުބާރަކް" އެވެ. އޭނަ އަކީ "ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ގެ އިތުރުން ކަރިޝްމާގެ ކޮއްކޮ ކަރީނާ ކަޕޫރް ވެސް ރޯލެއް ކުޅުނު ފިލްމު "އަނގްރޭޒީ މީޑިއަމް" ގެ ޑައިރެކްޓަރެވެ. ހޯމީގެ ފިލްމަށް ކަރިޝްމާ ސޮއިކޮށް، އޭގެ މަސައްކަތް ފެށި ވާހަކަ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެއާ އެކީ ވަރަށް ގިނަ ބަޔަކު މަރުހަބާ ކިޔާފައިވެ އެވެ.

"ރާޖާ ހިންދުސްތާނީ" އާއި "ހަމް ސާތު ސާތު ހޭ" އާއި "ދިލް ތޯ ޕާގަލް ހޭ" އާއި "ފިޒާ" އަދި "ހީރޯ ނަމްބަރު 1" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ކަރިޝްމާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު އަބިނޭ ޑިއޯގެ ވެބް ސީރީޒް "ބްރައުން" ހިމެނެ އެވެ.

ކަރިޝްމާ 2020 ގައި "މެންޓަލްހުޑް" ކިޔާ ވެބް ސީރީޒަކުން ވެސް ފެނިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރިޝްމާ ރޯލެއް ކުޅޭ "މާޑާ މުބާރަކަން" ގެ ކާސްޓްގައި ސާރާ އަލީ ޚާނާއި އަރުޖުން ކަޕޫރް ވެސް ހިމެނެ އެވެ. އެކަމަކު މި އުފައްދާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމީގެ އާ ފިލްމުގެ ތަރިންނަކީ ސާރާ އާއި އަރުޖުން އެވެ.

ސާރާ އަކީ ކަރިޝްމާގެ ކޮއްކޮ ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާންގެ ދަރިއެކެވެ.