ނަފުސާނީ ބަލީގެ ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން މަލާމާތުގެ ރާގަށް ވާހަކަ ދައްކާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ހުށަހަޅުއްވާފައިވާ، ނަފްސާނީ ސިއްހަތާ ގުޅޭ ހިދުމަތްތަކާބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން މި ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްގެ ވާހަކަފުޅުގެ ތެރެއިން ވަނީ ކުރީގެ ރައީސުންގެ ސެކިއުރިޓިއާ މެދު ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ވާހަކަ ދައްކަވާފައެވެ.
އެކަމާ ގުޅިގެން މެންބަރު ޝަހީމްގެ ވާހަކަ މެދުކަނޑުވާލުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ހުށަހެޅިފައިވަނީ ނަފުސާނީ ބަލިމަޑުކަމާ ގުޅިގެން ހުށަހެޅިފައިވާ ގަރާރެއް ކަަމަށާއި އެއީ ހައްސާސް މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން މި މަޖިލީހުގައި އެ މައުޟޫއު [ނަފުސާނީ ބަލީގެ ވާހަކަ] ބޭނުން ކުރައްވައިގެން އެކިއެކި ގޮތްގޮތަށް މަލާމާތްކުރުމާ، ފުރައްސާރަކުރުމާ، ދިމާކުރުމާ މި ބާވަތުގެ ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މި މަޖިލީހުން ކޮށްގެންވާނެ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ނަފުސާނީ ބަލީގެ މައްސަލައިގެ ވާހަކަ ދައްކާއިރު ސަރުކާރުން އެކަމުގައި އަމަލުކުރާ ގޮތާއި ވިސްނުން އޮތްގޮތް އަދި ލުއި ލިބެން އޮތްގޮތަށް ވާހަކަ ބައްޓަންކުރުން މުހިންމު ކަމަށެވެ.
މީގެކުރިން ބޭއްވި ޖަލްސާއެއްގައިވެސް މި ޤަރާރަށް ވާހަކަ ދެއްކިއިރު ބައެއް މެންބަރުން ސިޔާސީ ކަންކަމާ ގުޅުވާ ޖޯކުޖެހުމުގެ އުސޫލުން ނަފުސާނީ ބަލީގެ ވާހަކަ ދެއްކުމުން އެކަމާގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.