އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ހައްޔަރު މީހެއްގެ ބަންދު މުއްދަތު ޖަހައިފިއެވެ.
ބަންދު މުއްދަތު ޖަހާފައިވަނި ޕީޕީއެމް ހެންވޭރު އުތުރު ދާއިރާގެ ޒުވާނުންގެ ރައީސް ރަޒްނާ އަލީ މުހައްމަދުގެ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 3 ދުވަސް ޖަހާފައިވަނީ އިއްޔެ އެވެ.
އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި އޭނާގެ ބަންދު ޖަހާފައިވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މުޒާހަރާގެ ތެރެއިން ޑިޕްލޮމެޓިކް ކާރެއް ހުއްޓުވުމުން އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުން ފަހަތައް ޖެއްސުމަށް މަސައްކަތްކުރިއިރު މީނާ ދެ ފުލުހެއްގެ ގައިގާ ޖެހިކަން ފުލުހުންގެ ބަޔާނުން އެނގޭ ކަމަށެވެ.
އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދިޔަ ނަމަވެސް މީހެއްގެ ބަންދު ޖަހަނީ މަދު ފަހަރެއްގައިކަން ފާހަގަކުރެވެއެވެ.