އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި، ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,275 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 29.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.