Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ވަގު މުއާމަލާތްތައް ހިންގި ކާޑުތައް ބްލޮކްކޮށްފި

ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބީއެމްއެލް އިން ބްލޮކްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ބޭންކުގެ ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތުތައް ހާމަކޮށްފައި ހުންނަ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިގޮތުން އޯގަނައިޒްކޮށްގެން މަރޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަގަށް ވަދެ ކާޑު މައުލޫމާތު ނަގާ ކަމަށާއި މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓަރކުރަމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"މިގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުންވަނީ މުއާމަލާތްތަކެއް ހިންގާފައި. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައި. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން." ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ވަނީ މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.