ބިންހެލުންތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ތުރުކީ އަށް ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އެހީވާން ނިންމައިފި އެވެ.
އޭނަ އާއި ފިރިމީހާ ޑެނިއަލްގެ ވެބާގެ ފަރާތުން ތުރުކީ އަށް އެހީވާން ނިންމާފައި ވަނީ އެ މީހުންގެ ކޮސްމެޓިކް ބްރޭންޑް، ސްޓާޓްރަކް އިން މި މަހު ލިބުނު ފައިދާއިންނެވެ. އެގޮތުން މި މަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދުން 10 ޕަސެންޓް ތުރުކީގައު ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާކުރަން ނިންމި ވާހަކަ ސަނީ އިންސްޓަގްރާމް ވީޑިއޯއެއްގައި ހިއްސާކޮށްފައިވެ އެވެ.
އޭނަ ބުނީ މި ދަނޑިވަޅަކީ ތުރުކީގެ އެތައް ހާސް ރައްޔިތުންނެއް ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ތިބި ވަގުތެއް ކަމަށާއި އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އެހީވާން ވެސް އެދޭ ކަމަށެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ތުރުކީ އާއި ސީރިއާ އަށް އައި ވަރުގަދަ ބިންހެލުންތަކެއްގައި 50،000 އެއްހާ މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައިވެ އެވެ. މި ބިންހެލުންތަކުގައި އެންމެ ގިނަ ބަޔަކު މަރުވީ ތުރުކީންނެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު 40،000 އަށް ވުރެ ގިނަ އެވެ.