ދުވަހަކު ވެސް އެކްޓިން ދޫކޮށްލުމެއް ނެތް ކަމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.
"އާސްކް އެސްއާރްކޭ" ގެ ނަމުގައި އޭނަ ކުރިއަށް ގެންދާ ޓްވިޓާ ސެޝަނެއްގައި މީހަކު މިއަދު ސުވާލުކުރީ ޝާހްރުކް ބޮލީވުޑުން ރިޓަޔާކުރުމުން ދެން އިންޑަސްޓްރީގެ އެންމެ ވަރުގަދަ މީހަކަށް ވާނީ ކާކުތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ކާމިޔާބު އެތައް ފިލްމެއް
ކުޅެފައިވާ 57 އަހަރުގެ އެކްޓަރު ބުނީ ދުވަހަކު ވެސް އެކްޓިން ރިޓަޔާނުކުރާނެ ކަމަށެވެ.
"ދުވަހަކު ވެސް އެކްޓިން އިން ރިޓަޔާވުމެއް ނެތް. އަހަރެން މިކަމުން ބޭރުކޮށްލަން ޖެހޭނީ. އެހެން ވިޔަސް އަނެއްކާ މާ ހޮޓްކޮށް އެނބުރި އަންނާނަން." މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" އަށް އިޝާރާތްކޮށް ޝާހްރުކް ބުންޏެވެ.
I will never retire from acting…I will have to be fired…and maybe even then I will come back hotter!! https://t.co/YHSQZ3ndub
— Shah Rukh Khan (@iamsrk) February 20, 2023
މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި އެ ފިލްމަކީ ވަރުގަދަ ހަށިގަނޑަކާ ވެސް އެކީ އޭނަ ކުޅުނު އެކްޝަން ތުރިލާއެކެވެ. "ޕަތާން" ވެފައި ވަނީ މި ފަހުން ޝާހްރުކް ކުޅުނު ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ވަނދުކޮށް ދިއުމުން އޭނަގެ ތަރި އޮއްސިއްޖެ ކަމަށް ބުނެ ވާހަކަ ދެއްކި މީހުންނަށް ދިން ވަރަށް ވަރުގަދަ ރައްދަކަށެވެ.
އެ ފިލްމުވެފައި ވަނީ ޝާހްރުކްގެ ވިދުން ކުރިއަށް ވުރެ ގަދަކޮށް އަދި ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ވެސް އޭނަ ދައްކުވައި ދިން ފިލްމަކަށެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި "ޕަތާން" ގައި ދީޕިކާ ޕަދްކޯން އާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.
މި އަހަރު ޝާހްރުކްގެ އިތުރު ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ ޖޫން އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ޖަވާން" އާއި ޑިސެމްބަރަށް އޮތް ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.