Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ރޯދައަށް ހުޅުމާލެ ފޭސް ދޭއެއްގައި އެސްޓީއޯގެ ފިހާރައެއް

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯގެ ފިހާރައެއް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގައި ހުޅުވާ މިފިހާރައަކީ ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އަދި ހުޅުމާލޭގައި މިވަގުތު އެސްޓީއޯ ފިހާރަ ބަނދުވުމާއި ގުޅިގެން ހުޅުވާ ފިހާރައެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިގޮތުން ފިހާރަ ހުޅުވަން ނިންމި ބައެއް ސަބަބު އެކުންފުނިން ހާމަކޮށްފައިވެއެވެ. މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައި ދާނެ ކަމުގެ ޝަކުވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮއްފައި ހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ކަންބޮޑުވުން ލިބެއެވެ. އަދި ހުޅުމާލޭ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާއެވެ. އެއާއެކު މާލެއަށްދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ކަންބޮޑުވުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ކުރާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށްގެން ހުޅުވާ މިފިހާރަ މާރިޗު މަހުގެ ނިޔަލަށް ހުޅުވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މިފިހާރައިން ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާއިރު، ފިހާރައިން އެސްޓީއޯ އާންމުކޮށް އެތެރެކުރާ ހުރިހާ ބާވަތެއް ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.