އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޑްރެއިނޭޖް މަސައްކަތައް ކޮނެފައިވާ މަގުތަކުގައި ހުރި ކާނުތަކުގައި މަތި އެޅުމަށް މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރަށް އެފްކޮންސް ކުންފުންޏަށް އަންގައިފިއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އައްޑޫގެ އަވަށްތަކުގައި ފެން ހިންދާ ނިޒާމު ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމަށް އައްޑޫގެ ގިނަ އަވަށްތަކުގެ މަގުތަށް ކޮނެފައިވާއިރު، ބައެއް މަގުތަށް ހަނިވުމުގެ ސަބަބުން ހަތަރު ފުރޮލީ އުޅަނދުތަކަށް ނުވަދެވެއެވެ. އެނޫން އުޅަނދުތަކަށް ވަދެވޭ މަގުތަކުގައިވެސް އެކި ދިމާލުގައި ވެލި ފުނި ޖަހާފައި ހުރުމުން އެ މަގުތައް ބޭނުން ނުކުރެވެއެވެ.
ގިނަ މަގުތަކެއް މިހާރު ކޮނެ، މަސައްކަތް ކުރިއަށްދާއިރު، އެފްކޮންސް އިން ތައްޔާރު ކުރާ ފެން ހިންދާ ނިޒާމަކީ، މަގުގެ އަރިމަތިން ދިގަށް ކާނު ގަނޑެއް ކޮނެ އެކަތި އަނެކެއްޗާއި ގުޅާލެވޭ ގޮތަށް ޤާއިމް ކުރާ ނިޒާމެކެވެ. މިގޮތަށް ކާނުތަށް ކޮނެފައި، ގިނަ މަގުތަކުގެ މަސައްކަތް ހުއްޓިފައި އެބަހުއްޓެވެ. އެއީ ކްރޮސްއޯވާ މައްސަލަ ދިމާވެގެންނެވެ. މިއާއެކު ކާނުތަކުގެ މަސައްކަތް ނިމުނަސް މަތި ނާޅާ ވަނީ ދޫކޮށްލާފައެވެ.
މިއާއެކު ގޭގެއަށް ވަނުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، ބައެއް ގޭގެ ފަރާތްތަކުން ކާނުތަކުގެ ތެރެއަށް އަމިއްލައަށް ވެލިއަޅައި، ވަދެވޭ ގޮތް ވަނީ ހަދާފައެވެ. އަދި ބައެއް ގޭތަކާއި މުއްސަސާތަކުގެ ގޭޓް ކުރިމައްޗަށް އެފްކޮންސް އިން ވަނީ ވެލިއަޅައި ވަދެވޭ ގޮތް ހަދާފައެވެ.
މަގުތަކުގައި ހަދާފައިވާ ޑްރެއިނޭޖްތަކުގެ މަތިތައް އަޅައި، ގޭގެއަށް ފަސޭހައިން ވަދެވޭގޮތް ހެދުމަށް ކޮންޓްރެކްޓަރަށް އިރުޝާދުދެވިފައިވޭ. 2/2
— Addu City Council (@AdduCityCouncil) February 20, 2023
މިއަދު އައްޑޫގައި ޕްލޭނިން މިނިސްޓަރ އަސްލަމް ބައިވެރިވެގެން ބޭއްވި ސްޓޭކް ހޯލްޑަރ މީޓިންގައި މިމައްސަލަ ހައްލު ކުރުމަށް ކޮންޓްރެކްޓަރަށް ވަނީ އަންގާފައެވެ. އެގޮތުން ނުނިމި ހުރި މަގުތަކުގައިވެސް ކާނުތަކުގައި މަތި އަޅައި މަގުތަށް އެއްވަރުކޮށް، މަގު ބޭނުން ކުރެވޭނެ ގޮތަށް ހެދުމަށް އެކުންފުންޏަށް ވަނީ އަންގާފައެވެ.
މީގެ ރައްޔިތުންނަށް ދަތިނުވާނެހެން މަސައްކަތް ކުރުމަށް، ފިޔަވަޅުތަށް އަޅައި މަސައްކަތުގެ ސްޕީޑް ހަލުވި ކުރުމަށް އެފްކޮންސް ކުންފުންޏަށް ވަނީ އިރުޝާދު ދީފައެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް އެފްކޮންސްއިން ކުރަމުންދާއިރު، މިހާރު ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. އަދި ތާރު ނޭޅި މަސައްކަތް ހުއްޓިފައިވާ މަގުތަކުގައި ހުރި ޕަމްޕުތަކާއި ނަރުދަމާ ވަޅުތައް ލެވެލް ކުރުމުގެ މަސައްކަތް ފެނަކައާއި ގުޅިގެން އަވަހަށް ކުރިއަށް އެބަ ގެންދެއެވެ.