Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ތުރުކީ އަށް އަނެއްކާ ވެސް ބިންހެލުމެއް

ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.4 މެގްނިޓިއުޓްގެ ބާރުމިނުގަ އެވެ. ތުރުކީގެ ހަޓޭ ޕްރޮވިންސަށް އައި މި ބިންހެލުމާ ގުޅިގެން 42 އިމާރާތެއް ބިމާއި ހަމަވެފައިވާ އިރު 213 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބިންހެލުމުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ ދެ ހަފްތާ ކުރިން ވެސް އެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިންހެލުމުގައި 46،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން އެ ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 40،642 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 5،800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

އެ ބިންހެލުމާ ގުޅިގެން 84،000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ތުރުކީގައި އިމާރާތްތަކުގެ ދަށުން 8،000 މީހުން ވަނީ ދިރި ތިއްބާ ސަލާމަތްކޮށްފަ އެވެ.

ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާ އިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ހާމަކުރެ އެވެ.