ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބިންހެލުމުގައި ތިން މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.4 މެގްނިޓިއުޓްގެ ބާރުމިނުގަ އެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޯލޫ ވިދާޅުވީ މި ބިންހެލުމުގައި ތިން މީހަކު މަރުވެ 213 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މި ބިންހެލުމުގައި ތުރުކީގެ 45 އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ.
ސީރިއާގައި ހަރަކާތްތެރިވާ 'ވައިޓް ހެލްމެޓް' ޖަމިއްޔާއިން ބުނި ގޮތުގައި އިއްޔެގެ ބިންހެލުމުގައި ސީރިއާ އިން 100 މީހަކަށް ވަނީ ޒަހަމްވެފަ އެވެ. އަދި އިމާރާތްތައް ބިމާއި ހަމަވެ އާންމުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
އިއްޔެގެ ބިންހެލުމުގެ ލޮޅުންތައް މިސްރާއި ލުބްނާނަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ ދެ ހަފްތާ ކުރިން ވެސް އެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިންހެލުމުގައި 46،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން އެ ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 40،642 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 5،800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.