Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ތުރުކީގައި 114،000 މީހުން ސަލާމަތްކޮށްފި

މި މަހުގެ ފަސްވަނަ ދުވަހުގެރޭ ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ބިމާއި ހަމަވި އިމާރާތްތަކުގެ ދަށުން 114،000 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ ބިންހެލުމުގައި ތުރުކީން 41،156 މީހަކު މަރުވެފައިވާ ކަމަށާއި އަދި ބިމާއި ހަމަވި އިމާރާތްތަކުގެ ދަށުން 114،834 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އެއްކޮށް ނިމުމުން މި އަދަދު މުޅިން ސާފުވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ބިންހެލުމުގައި 118،000 އިމާރާތެއް ބިމާއި ހަމަވެފައިވާއިރު ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު 1.6 މިލިއަން މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ތުރުކީގެ 9 ޕްރޮވިންސެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި ހަޓޭ ޕްރޮވިންސްގައި އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ތުރުކީ އަށް އިއްޔެ 6.4 ގެ ބާރު މިނުގައި ވެސް ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިންހެލުމުގައި ތިން މީހަކު މަރުވި އިރު 213 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.