Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ގެ އަޅައިދެނީ

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގައި ގެތައް އަޅައިދޭނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި ހަޓޭ ޕްރޮންވިންސަށް ކުރި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުރުދުޣާން ވިދާޅުވީ ބިންހެލުމުގައި 118،000 ބިމާ ހަމަވެފައިވާއިރު ބައެއް އިމާރާތްތަކަށް ލިބިފައި ހުރި ގެއްލުންތަކުގެ ސަބަބުން ހުރީ ތަޅާލަންޖެހޭ ހާލަތުގައި ކަމަށެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގައި ތުރުކީ ސަރުކާރުން އަޅައިދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 199،739 ގެ ކަމަށްވާއިރު އެ ގެތަކުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. މި ގެތައް ތިނެއް ނޫނީ ހަތަރު ބުރިއަށް ވުރެ އުސް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވަނީ މިހާރު ޓެންޓުތަކުގައި އުޅެމުންދާ ފަރާތްތައް އަލަށް އަޅާ ގެތައް އަހަރެއްގެ ތެރޭގައި ބަދަލުކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. މީގެކުރިން އުރުދުޣާން ވަނީ ބިންހެލުމުގައި ގެތަށް ބިމާ ހަމަވި މީހުންގެ ތެރެއިން ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ މީހުންގެ ކުލި ދައްކައިދޭން ވެސް ވައުދުވެޑައިގެންފަ އެވެ.

ބިންހެލުމުގައި ތުރުކީން 41،156 މީހަކު މަރުވެފައިވާއިރު ބިމާއި ހަމަވި އިމާރާތްތަކުގެ ދަށުން 114،834 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ބިންހެލުމާ ގުޅިގެން ތުރުކީގައި ހާލުގައި ޖެހުނު 1.6 މިލިއަން މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ އެވެ.