Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ދަނޑުވެރިކަމުގެ ކޯހަކަށް އޭއެމްސީއެސްގެ ފަރާތުން ބައިވެރިއަކު ނޮމިނޭޓް ކުރަނީ

ރަމްޒީ މިދިޔަ އަހަރު ޖަޕާނުގެ މޭބިސްކަދުރު ދަނޑެއްގައި. ފޮޓޯ/ ރަމްޒީ އެފްބީ ޕޭޖް

އަންނަ މެއި މަހު ތައިލެންޑްގެ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (ޓީއައިޑީސީ) އިން އެ ގައުމުގައި ބޭއްވުމަށް ހަަމަޖެހިފައިވާ ކޯހެެއްގައި ބައިވެރިވުމުގެ ފުރުސަތު އެގްރިކަލްޗަ މިނިސްޓްރީން އައްޑޫ މީދޫ ކޯޕަރޭޓީވް ސޮސައިޓީ (އޭއެމްސީއެސް) އަށް ވެސް ހުޅުވާލައި ކޯހުގައި ބައިވެރިވާނެ މީހަކު ހޯދުމަށް އިއުލާން ކުރުމުން ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށް އެ ކޯޕަރޭޓީވް އިން ބުނެފި އެވެ.

މެއި މަހުގެ 1-31 ގެ ނިޔަލަށް ބެންކޮކްގައި ބާއްވާ "ފުޑް ސެކިއުރިޓީ ފޯސްޓް ހާވެސްޓް، ޕްރޮސެސިން އެންޑް ކޮލިޓީ އެޝުއަރެންސް އޮފް ސިލެކްޓަޑް އެގްރޯ" ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓްތަކާ އެކު އޭއެމްސީއެސް އަށް ހުށަހަޅަން ދިން ސުންގަނޑި ހަމަވެފައި ވަނީ މިއަދު އެވެ. ފުރުސަތު ހުޅުވާލީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

އޭއެމްސީއެސްގެ ޗެއާޕާސަން އަހުމަދު ޝާތިރު މިރޭ ވިދާޅުވީ ސުންގަނޑި ހަމަވި އިރު، ކުރިމަތިލީ ކޯޕަރޭޓިވްގެ ފިރިހެން މެމްބަރެއް ކަމަށެވެ.

"ހަމައެކަނީ ކޯޕަރޭޓިވްގެ މެމްބަރުނަށް އެކަނި ބައިވެރިވެވޭ ގޮތަކަށް ނޫން ފުރުސަތު ހުޅުވާލީ. ޝައުގުވެރިވާ ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވެސް ވަރަށް ޝޯޓް ނޯޓިސްއެއްގެ ތެރޭގައި ފުރުސަތު ލިބިގެން އިއުލާން ކުރެވުނީ."

ޝާތިރު ވިދާޅުވީ ކޯހަށް އެޕްލައި ކުރި ފަރާތުގެ މައުލޫމާތުތައް މާދަމާ މިނިސްޓްރީ އަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ކޯހަށް ބައިވެރިން ސިލެކްޓް ކުރާނީ އެގްރިކަލްޗަ މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާތިރު އިތުރަށް ވިދާޅުވީ އިންޑިއާ އާއި ޖަޕާނުގައި ދެ މަސް ދުވަހުގެ މުއްދަތަށް ބާއްވާ ކޯހަކަށް ވެސް ދާދި ފަހުން ފުރުސަތު ލިބިގެން އިއުލާން ކުރި ކަމަށެވެ. އެހެން ނަމަވެސްް އެއްވެސް ފަރާތަކުން ކުރިމަތި ނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 އިން އޮކްޓޯބަރު 3 އަށް ޖަޕާނުގައި ބޭއްވި ކޯހަކަށް ވެސް އޭއެމްސީއެސް އިން ބައިވެރިއަކު ފޮނުވާފައި ވެ އެވެ. އެ ފަހަރު ކޯހުގައި ބައިވެރިވީ މީދޫ ރަންވެލި އަބްދުﷲ ރަމްޒީ އެވެ.

ޖުމްލަ އަށް ގައުމަކުން 13 މީހުން ބައިވެރިވި "ކޮލިޓީ އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފް ފާމް ޕްރޮޑަކްޓްސް" ކޯހަކީ އިންޓަނެޝަނަލް ކޯޕަރޭޝަން އެލައަންސް؛ އޭޝިއާ ޕެސިފިކް(އައިކާ) އިން ކުރިއަށް ގެންދިޔަ ކޯހެކެވެ.