Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޒާތީވެ، ލެޑިގަންނަ މީހުން ބްލޮކް ކުރާނަން

ސޯޝަލް މީޑިއާގައި ޒާތީވެ، އޭނައާ ލެޑިގަންނަ މީހުން މީގެ ފަހުން ބްލޮކްކުރާނެ ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކަންކަމަކީ ހިންގާ ހަޑި މުޑުދާރު އަމަލެއް ކަމަށާއި ރައްޔިތުންނަށް އެފަދަ މުއާމަލާތައް ވެސް ފެންނަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.

"މީގެ ފަހުން އިރުމެދުން ލެނބުމަށް ފަހު ޒާތީވެ ލެޑިގަންނަ މީހުން ބްލޮކްކުރާނަން،" ނިހާދު ވިދާޅުވި އެވެ. "އެއީ ރައްޔިތުންނަށް އެ މީހުން އެ ހާލުގައި ތިބެ ހިންގާ ހަޑި މުޑުދާރު ޒުވާބު ފެންނަން ބޭނުން ނުވާތީ. އަދި އެފަދަ އަމަލު ހިންގުމަށް ތަރުހީބުދީ ޕްރޮމޯޓް ކުރަން ބޭނުން ނުވާތީ. ވަރަށް ވެދުން."

ނިހާދާއި އެމްޑީޕީގެ ރައީސް މުހައްމަދު ފަހަކަށް އައިސް ގެންދަވަނީ ބައެއް ސޯޝަލް ޕްލެޓްފޯމްތަކުގައި ކޯޅެމުންނެވެ. އެގޮތުން ހަސަން ކުރުސީގެ ނަމުގައި ނަޝީދު ބޭނުންކުރައްވާ ކަމަށް ތުހުމަތުކުރެވޭ ޓްވިޓާ އެކައުންޓަކުން ވެސް ނިހާދުގެ ނެއްޓެވުމަކަށް ޖޯކް ޖައްސަވާފައިވާ އިރު، މަޖިލީހުގެ މެމްބަރުންތަކެއް ތިއްބަަވާ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ދެ ބޭފުޅުން ޒުވާބު ކުރައްވާފައިވެ އެވެ. އެ ދިލައިގެ ތެރޭގައި ނަޝީދު ވަނީ ދައްކަވާ ވާހަކަ އަޑު ނާއްސަވާ ކަމަށްވާ ނަމަ ނިހާދު ރަށުން ވެސް ބާލާނެ ކަމަށް ވިދާޅުވެފަ އެވެ.

ނިހާދަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ.