Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަލީގެ ހޮލީވުޑްގެ ފިލްމު މެއި 26 ގައި

ކުރިން ވެސް ހޮލީވުޑްގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލްގެ ހޮލީވުޑްގެ އާ ފިލްމު "ކަންދަހާރު" އަންނަ މެއި މަހުގެ 26 ހައި ރިލީޒްކުރަން ނިންމައި އޭގެ ޓީޒާ ޓްރެއިލާއެއް ވެސް ދައްކާލައިފި އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެރާޑް ބަޓްލާ ވެސް ކާސްޓްގައި ހިމެނޭ މި ފިލްމަކީ ރިކް ރޯމަން ވައު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. "ކަންދަހާރު" ގެ ކާސްޓްގައި އޮލީވިއާ-މާއީ ބެރެޓާއި ޓްރާވިސް ފިމެލްގެ އިތުރުން ނީނާ ޓުސައިންޓް-ވައިޓް ވެސް ހިމެނެ އެވެ.

"ކަންދަހާރު" ގައި ކިޔައިދޭނީ މިޝަނަކަށް އަފްގާނިސްތާނަށް ގޮސް އުޅުމުގެ ތެރޭގައި ތާށިވާ ސީއައިއޭގެ އޮޕަރޭޓިވަކަށް ދިމާވާ ހާދިސާތަކެކެވެ. އެ ކެރެކްޓާ އިން ފެންނާނީ ޖެެރާޑެވެ.

ބަތަލާ ރިޗާ ޗައްޑާއާ މިދިޔަ އަހަރު ކައިވެނިކުރި އަލީ ކުރިން މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ޑެތު އޮން ދަ ނައިލް" ގެ އިތުރުން "ވިކްޓޯރިއާ އެންޑް އަބްދުލް" އަދި "ފާސްޓް އެންޑް ފިއުރިއަސް 7" ހިމެނެ އެވެ.

އަލީގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ނެޓްފްލިކްސްގެ "ކޫފިޔާ" އެވެ.