"މާލޭ ސިޓީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލު" ބާތިލު ކޮށްދިނުމަށް އެދި މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފިއެވެ.
އެ މައްސަލަ އިއްޔެ ބަލައިގަތީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ. ސްޓެލްކޯއިން މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅީ މި މަހުގެ 2 ގަ އެވެ. ނަމަވެސް، މައްސަލައިގައި، ސިޓީ ކައުންސިލުން ހެދި އުސޫލުތައް ގާނޫނާ ޚިލާފުވާ ސަބަބު ބަޔާންކޮށްދެވިފައި ނުވާ ކަމަށް ބުނެ ހައި ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ. އެހެންވެ އެމައްސަލަ ދެވަނަ ފަހަރަށް ހައިކޯޓަށް ހުށަހެޅީ މި މަހުގެ 8 ގަ އެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހެދީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ ކައުންސިލުން އާންމުކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެފައިވެ އެވެ.
ޝަރީފު ވިދާޅުވެފައި ވަނީ ކައުންސިލުން އުސޫލު އެކުލަވާލީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.