Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ޔާމީނާ ނުލައި ވެސް ވާދަކުރަން މަޖުބޫރުވާނެ

ޖަލު ހުކުމަކާ ހެދި މިހާރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ގެއްލިފައިވުމުން އެ މަނިކުފާނާ ނުލައި ވެސް އެ ކޯލިޝަނުން އިންތިހާބުގައި ވާދަކުރާނެ ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ އަށް ޔާމީނާ ނުލައި ވެސް އިންތިހާބުގައި ވާދަކުރަން މަޖުބޫރުވާނެ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ހުންނެވި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. އެހެންވެ އެ ނޫން އެއްވެސް ޗޮއިސްއެއް ޕީޕީއެމް/ޕީއެންސީގައި ނެތް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގާނޫނީ ހާލަތެއް އަދިއެއް ފަހިވެފައެއް ނެތެވެ.

މަވޯޓާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޔާމީނާ ނުލައި ވެސް އެ އިދިކޮޅު ކޯލިޝަނަށް ވާދަކުރަން މަޖުބޫރުވާނެ މައިގަނޑު ސަބަބަކީ އިންތިހާބުގައި ވާދަނުކޮށްފި ނަމަ ޕާޓީގެ ސިޔާސީ ހައިސިއްޔަތަށް އަސަރުކުރާނެތީ ކަމަށެވެ. އަދި އޭގެ ފައިދާ އެހެން ޕާޓީތަކުން ނަގާނެ ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގައި ޔާމީނާ ނުލައި [ވެސް] ޕީޕީއެމުން ކުރިމަތިލާނެ ކަމަށް ބެލެވޭ ސަބަބަކީ ކުރިމަތިނުލައިފި ނަމަ އެ ޕާޓީގެ ޕޮލިޓިކަލް ރެލެވެންސް ގެއްލި އެ ޕާޓީން ދޫކޮށްލާ ޕޮލިޓިކަލް ސްޕޭސް އެހެން ޕާޓީއަކުން ނަގާނެތީ،" އޭނާ ވިދާޅުވި އެވެ. "ވީމާ [އެހެން] ކެންޑިޑޭޓަކު ނެރުމަކީ އޮތް ޗޮއިސްއެއް ކަމަށް ގަބޫލުކުރެވޭ."

މަވޯޓާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބަށް ވާދަނުކޮށްފި ނަމަ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ދެމިއެއް ވެސް ނޯވެވޭނެ ކަމަށެވެ.

"އެހެންވީމަ [އިންތިހާބަށް] ޗޮއިސްއެއް ނެތް އިންތިހާބަށް ކުރިމަތިލުން ނޫނީ." އޭނާ ވިދާޅުވި އެވެ. "އެހެންކަމުން ބެލެވެނީ ޔާމީނަށް އެއްވެސް ސަބަބަކާ ހެދި ކުރިމަތިނުލެވިއްޖެ ނަމަ އެހެން ކެންޑިޑޭޓަކު ޕީޕީއެމުން ކުރިމަތިލާނެ ކަމަށް. އެހެންވެއްޖެ ނަމަ އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ޕީޕިއެމާއި އެމްޑީޕީގެ ކެންޑިޑޭޓް."

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ. ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ތެރޭގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނެ އެވެ.