Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަމީނީމަގު މަސައްކަތް ކުރިއަށް ދަނީ އީއައިއޭއާ އެއްގޮތަށް

މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އަމީނީމަގު ހެދުމުގެ ކޮންސަލްޓަންޓްގެ އީއައިއޭ ރިޕޯޓާ ހަވާލާދޭއިރު އެމަގު މިހާރު ހަދާ ގޮތަށް ހަދާނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައވެެ. އެހެންކަމުން އެ މަގުގެ ފެންބޮޑުވުން ހައްލުކުރުމަށް އޮތް ޕްލޭންއަކީ ކޮބައިތޯ އަދި އަމީނީމަގު ހަދަމުން ދަނީ ކޮންސަލްޓަންޓްގެ ލަފައާ އެއްގޮތަށްތޯ ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަމީނީ މަގުގެ އީއައިއޭ ގައި ބުނަނީ، އެ ރިޕޯޓް ހެދިއިރު މަގުގެ ގްރެނޭޖާ ބެހޭގޮތުން ހުރިހާ ތަފުސީލެއް ލިބެން ނެތުމުން އޭގެ ނަތީޖާ ލިބެން ޗެލެންޖިން ކަމަށެވެ. އަދި އަމީނީ މަގުގެ ފެން ހިންދާ ނެޓްވޯކުން ފެން ހިނދޭނެ ސްޓޭންޑާޑަކަށް މީޓްކުރުން މުހިންމު ކަމަށް ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ. އަދި އަމީނީ މަގުގައި މިހާރުވެސް ފެން ބޮޑުވާވުމަށް ހައްލުހޯދުން މުހިންމު ކަމަށް އީއައިއޭގައި ބުނެފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަމީނީ މަގުގައި މިހާރު އަޅާފައިވާ ފެންހިންދާ ނިޒާމު، މިހާރުވެސް އަޅާފައިވާ ޕަމްޕް ސްޓޭޝަންތަކަށް ގޮސް ޕަންމްޕް އައުޓް ކުރާގޮތަށް ހަދާފައިވާ ކަމަށެވެ. އަދި ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން ބޭރުވާނެ ކަމަށް ވިދާޅުވިއެވެ. އަމީނީ މަގުގައި 5 ޕަމްޕް ސްޓޭޝަން ހުންނާނެ ކަމަށާއި އަދި އެވަރުން ފެން ހިންދުމަށް ފުދޭނެކަމަށް އިންޖިނޭރު ބުނާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އީއައިއޭގެ ލަފައާ އެއްގޮތަށް ކުރިއަށްދާކަމަށް ގަބޫލުކުރާ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަމީނީ މަގުގެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އަޅާފައިވާއިރު ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.

މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުގައި މަގު ބައްތިޖަހާނެއެވެ.