ބަންގްލަދޭޝްގައި ބޮލީވުޑްގެ ފިލްމުތައް ދެއްކުން މަނާކޮށްފައި އޮންނަތާ 8 އަހަރު ފަހުން މި ހަފުތާގައި ފުރަތަމަ ފަހަރަށް ހިންދީ ފިލްމެއް ޕްރީމިއާކުރަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ 2015 ގެ ފަހުން އަވަށްޓެރި ބަންގްލަދޭޝްގެ ސިނމާތަކުގައި އަންނަ ހުކުރު ދުވަހު އަޅުވަން ނިންމާފައި ވަނީ މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" ކަމަށެވެ.
ބަންގްލަދޭޝްގައި ބޮލީވުޑްގެ ފިލްމުތައް ދެއްކުން މަނާކޮށްފައި އޮތީ އެ ގައުމުގެ އުފެއްދުންތަކާ ހެދި ބަންގްލަދޭޝްގެ ފިލްމީ ދާއިރާ އާއި އެ ދާއިރާގެ މީހުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ވެސް ވާ ކަމަށް ބުނެ އެވެ. އެހެންވެ ކުރިން ބޮލީވުޑްގެ ފިލްމުތައް ދެއްކުމާ ދެކޮޅަށް ބަންގަލްދޭޝްގައި ބޮޑެތި މުޒާހަރާކެއް ކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ އަލުން އިންޑިއާގެ ފިލްމުތައް ދައްކަން ހުއްދަ ދޭން ނިންމީ ބަންގްލަދޭޝްގެ ފިލްމީ ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު، އެ މީހުންގެ ރުހުން ލިބިގެންނެވެ. އެކަމަކު ޑިމާންޑަކީ އަހަރަކު އިންޑިއާގެ 10 ފިލްމަށް ވުރެ އިތުރަށް އިންޑިއާގެ ފިލްމުތައް ބަންގްލަދޭޝްގެ ސިނަމާތަކުގައި ނޭޅުވުމެވެ.
އެ ގައުމުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް ދެކޮޅު ހެދިޔަސް ބަންގާކީ ހިންދީ ފިލްމުތަކުގެ ވަގު ކޮޕީ ގެންގުޅުމުގެ މައްސަލަ ބޮޑު ގައުމެކެވެ.