އައްޑޫސިޓީގެ މަޝްރޫއުތައް ބަލަހައްޓަވައި މަސައްކަތް އަވަސްކުރުމުގެ ގޮތު އެސިޓީއަށް ބަދަލުވުމުން މަޝްރޫއުތަކުގެ މަސައްކަތުގެ ސްޕީޑު ރަނގަޅުވަމުން އަންނަކަމަށް ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމަށް ސުވާލު ކުރުމަށް މެންބަރުންނަށް ލިބުނު ފުރުސަތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ އައްޑޫގައި މިނިސްޓަރު ހުންނަވާއިރު ހިތްހަމަޖެހޭވަރަށް މަސައްކަތް ކުރިއަށްދޭތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެމަނިކުފާނު އައްޑޫގައި މަޑުކުރުމުން އައްޑޫގެ ބައެއް މަސައްކަތްތަކަށް ހައްލެއް ހޯދިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އައްޑޫގެ މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އައްޑޫގައި ބޭސްވެގެން ހުރެގެން، އަޅުގަނޑަށް އައްޑޫއަށް ގޮސްގެން މަސައްކަތްތަކަކަށް ހައްލުތަކެއް ހޯދައިދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅުވަމުންދާކަމަށް ގަބޫލުކުރަން." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫގެ މަސައްކަތްތަކުގައި ހުރި މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެތެރެއިން އަވަހަށް ހައްލު ހޯދެންހުރި ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު އަސްލަމް އައްޑޫސިޓީގައި މަސައްކަތް ފައްޓަވާފައިވަނީ ފެބުރުއަރީ 12 ވަނަ ދުވަހުއެވެ. މިނިސްޓަރުގެ މަސައްކަތްތައް ދުވަސްކޮޅަކަށް އައްޑޫއަށް ބަދަލުކޮށްފައިވަނީ އައްޑޫގެ މަޝްރޫއުތައް ކުރިއަށްދާގޮތާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުންނެވެ.