Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ގަން އެއާޕޯޓަށް އަޔާޓާގެ މުހިއްމު އެކްރެޑިޓޭޝަނެއް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ސޭފްޓީ އޮޑިޓް ގްރައުންޑް ފޯ ގްރޭންޑް އޮޕަރޭޝަންސް (އައިއެސްއޭޖީއޭ) ގެ އެކްރެޑިޓޭޝަން ލިބިފައިވާ ކަމަށް އެއާޕޯޓުން ބުނެފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ހިންގާ އެއާޕޯޓުން ބުނީ ބުނީ އައިއެސްއޭޖީއޭ ސްޓޭންޑާޑަށް އެއާޕޯޓް ފެތި، އޭގައި ރަޖިސްޓްރީވެވި، އެކްރެޑިޓްވުމަކީ ލިބުނު ކުރިއެރުމަށް ކަމަށެވެ. އަދި މިއީ އެއާޕޯޓްގައި ކުރިއަށް ގެންދިޔަ އެތައް އޮޑިޓަކަށް ފަހު ލިބުނު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.

އެގޮތުން އެއާޕޯޓްގެ އެކި ދާއިރާތަކުން އޮޑިޓް ހަދާފައިވެ އެވެ. އޭގެ ތެރޭގައި އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް (އޯއާރްއެމް)، ލޯޑް ކޮންޓްރޯލް (އެލްއޯޑީ)، ޕެސެންޖާ އެންޑް ބެޖޭގް ހޭންޑްލިން (ޕީއޭބީ)، އެއާކްރާފްޓް ހޭންޑްލިން އެންޑް ލޯޑިން (އެޗްޑީއެލް)، އެއަކްރާފްޓް ގްރައުންޑް މޫވްމަންޓް (އޭޖީއެމް) އަދި ކާގޯ އެންޑް މެއިލް ހޭންޑްލިން (ސީޖީއެމް) ހިމެނެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓަކީ މި ވަގުތު ދެ އެއާލައިނަކުން ދަތުރުތައް ބާއްވާ އެއާޕޯޓެކެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސްރީ ލަންކަން އެއާލައިންސުން ބާއްވަމުން އަންނަ ދަތުރުތެކެވެ. ސްރީ ލަންކަން އެއާލައިންސްކީ ގަން އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި ބޭރުގެ ޝެޑިއުލް އެއާލައިނެވެ.

ގަން އެއާޕޯޓަކީ ބޭރުގެ ވަރަށް ގިނަ ޖެޓްތައް ޖައްސާ އެއާޕޯޓެވެ.

އަށްޑިހަ އަހަރުވެފައިވާ މި އެއާޕޯޓް ތަރައްގީކުރަން ބޮޑު މަޝްރޫއެއް ފަށަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ އެވެ.