ފްލޯޓީން ސިޓީގެ މަސައްކަތްތައް ހުއްޓިފައި އޮތްކަމަށް ނުބުނެވޭނެ ކަމަށާއި އެހެންނަމަވެސް އެ މަސައްކަތަށް ވަރަށް ދުވަސް ވެއްޖެ ކަމަށް ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ ފްލޯޓިން ސިޓީގެ މަސައްކަތާ ބެހޭގޮތުން ސުވާލު ކޮށްފައެވެ. އެގޮތުން ފްލޯޓިން ސިޓީ ހެދުމަށްދިން ފަޅު ހިއްކާ އޭގެން ބިންތައް ކިތައް ފަރާތަށް ވިއްކާފައިވޭތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ޒަމާންވެއްޖެ ކަމަށެވެ. އެ މަސައްކަތް ކުރިން އޮތީ ބިން ހިއްކައިގެން ކުރާގޮތަށް ނޫންކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ ފަހުން ފެނުނު ޕްލޭންތަކެއްގައި ފަޅުގެ ބޭރުން ރަށްތަކެއް ހިއްކުމަށްފަހު ފަޅުތެރޭގައި ފްލޯޓިން ސިޓީއެއް އެޅުމުގެ ކޮންސެޕްޓް ފެނުނު ކަމަށެވެ.
ފްލޯޓިން ސިޓީގެ ޕްރޮޖެކްޓަކީ ހައުސިން މިނިސްޓްރީގެ ދަށުން ސީދާ ހިނގާ ޕްރޮޖެކްޓެއް ނޫންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އޭގެ ހުރިހާ ތަފުސީލެއް އެންމެ ރަނގަޅުގޮތުގައި ނޭންގިދާނެ ކަމަށެވެ.
"އެ މަސައްކަތް ހުއްޓިފައި އޮތްކަމަކަށެއް ހަމަގައިމުވެސް އަޅުގަނޑަކަށެއް ނުމެއްދެންނެވޭނެ. އެކަމަކުވެސް ވަރަށް ދުވަސް ވެއްޖެ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މާލެ އަތޮޅު އާރަށް ކައިރީ އޮންނަ ފަޅެއްގައި ތަރައްގީ ކުރަމުންދާ "ފްލޯޓިން ސިޓީ"ގެ ގެތަށް ހުންނާނެގޮތުގެ މޮކް-އަޕް ގެއެއް އިއްޔެ ވަނީ ފަޅުގައި ބަހައްޓާފައެވެ. މޮކް-އަޕް ގެތަށް ހެދުމުގެ މަސައްކަތަކީ ބައިސަން މޯލްޑިވްސްއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ ދަށުން، 500،0 ހައުސިން ޔުނިޓް އަޅާ ގޮތަށް ޕްލޭންކޮށްފައިވެއެވެ.