ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިއުއާރް ކޯޑު މެދުވެރިކޮށް ކުރެވޭ މުޢާމަލާތް 750ރ. އަށް ލިމިޓްކޮށްފި އެވެ.
ގައުމީ ބޭންކުން ބުނީ މިއަދުން ފެށިގެން ކިއުއާރް ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތް ލިމިޓް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއްފަހަރާ ބީއެމްއެލް ވޮލެޓްގެ ކިއުއާރް މެދުވެރިކޮށް ކުރެވޭނީ 750ރ. މުޢާމަލާތް ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެެގެން ކުރެވޭނީ 10 މުޢާމަލާތެވެ.
މި ގޮތަށް ލިމިޓް ކުރެވުނު ނަމަވެސް ކާޑު ބޭނުންކޮށްގެން މިއަށްވުރެ އިތުރަށް މުޢާމަލާތް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ބޭންކުން މިފަދަ ބަދަލެއް މި ގެނައީ ގިނަ ބައެއްގެ އެކައުންޓުން ފައިސާ ބޮޑެތި އަދަދުން ކެނޑެމުންދާކަމުގެ ޝަކުވާ އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމާ ބީއެމްއެލް އިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް، މިއީ އެކި ލިންކްތައް މެދުވެރިކޮށް އަދި އެކި ގޮތްގޮތުން އެޕްލިކޭޝަން އެކްސެސް މަކަރާއި ހީލަތުން ހޯދައިގެން ކުރާ މުޢާމަލާތެއް ކަމަށް އާންމުންނަށް ދީފައިވާ ޖަވާބުތަކުގައި އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ބީއެމްއެލް އެތެރެއިން ލީކް ނުވާ ކަމަށް ބޭންކުން ބުނެ އެވެ.
އަދި ބޭރުގެ ވެނޑާ ކޮމްޕްރޮމައިޒްވެ ކާޑު މައުލޫމާތު އާންމުވިޔަސް، އެ ފައިސާ އަނބުރާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.