Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ސަލާމަތްވި ތުއްތު ކުއްޖާ އެޑޮޕްޓްކޮށްފި

ސީރިއާގެ ބިންހެލުމުގައި ސަލާމަތްކުރި ތުއްތު އަންހެން ކުއްޖާ އެޑޮޕްޓްކުރަން އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް، ކުއްޖާގެ އާއިލާ އަށް ނިސްބަތްވާ ބޮޑުދައިތައަކު އެ ކުއްޖާ އެޑޮޕްޓްކޮށްފި އެވެ.

ވިހޭ ގޮތަށް ފޫޅުގަނޑާ ވެސް އެކީ އޮތް އެ ކުއްޖާ އަކީ ވެއްޓުނު ފަސް ބުރީގެ އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖެކެވެ. އެއާ އެކީ މި ކުއްޖާގެ ވާހަކަ ވަރަށް ގިނަ މީޑިއާތަކަށް އަރައި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ކުއްޖާ ސަލާމަތްކޮށް މިހާތަނަށް އޮތީ ސީރިއާގެ ހޮސްޕިޓަލެއްގަ އެވެ.

އެ ކުއްޖާގެ އާއިލާ އަށް ނިސްބަތްވާ މީހަކު ކުއްޖާ އެޑޮޕްޓްކުރުމާ ހަމައަށް ކުއްޖާ އޮތީ ހޮސްޕިޓަލެއްގެ މެނޭޖަރު ޑރ. ހާލިދު އަތިއާގެ ބެލުމުގެ ދަށުގަ އެވެ. އޭނަގެ ބެލުމުގައި ދަށުގައި ކުއްޖާ އޮތް އިރު ނަމަކަށް ކިޔާފައި ވަނީ އާޔާ އެވެ. ހާލިދު ވިދާޅުވެފައިވާ ގޮތުގައި ވަރަށް ގިނަ ބަޔަކު ކުއްޖާ އެޑޮޕްޓްކުރަން ޝައުގުވެރިކަން ފާޅުކުރި އެވެ.

ނަމަވެސް މިހާރު އެ ކުއްޖާ އޮތީ ބޮޑުދައިތައަކާއި އޭނަގެ ފިރިމީހާގެ ބެލެނިވެރިިކަމުގަ އެވެ. ކުއްޖާ ބޮޑުދައިތައާ ހަވާލުކުރީ އެއީ އާއިލީ މީހެއްތޯ ޔަގީންކުރަން ޑީއެންއޭ ޓެސްޓް ހަދައި، އެކަން ކަށަވަރުކުރުމަށް ފަހު އެވެ. ކުއްޖާ އަށް މިހާރު އެ މީހުން ވަނީ އާ ނަމެއް ވެސް ދީފަ އެވެ. އެއީ އަފްރީން އެވެ. އެއީ ކުއްޖާގެ މަންމަގެ ނަމެވެ.

ބިންހެލުމަށް ފަހު ކުއްޖާ ސަލާމަތްވި ނަމަވެސް އަފްރީނާއި ފިރިމީހާ އާއި އެ މީހުންގެ ހަތަރު ދަރިން ވެސް ވަނީ މަރުވެފަ އެވެ.

އަފްރީން ބެލުމުގެ ޒިންމާއާ ހަވާލުވި ބޮޑުދައިތަ އަކީ ބިންހެލުން އައިތާ ތިން ދުވަސް ފަހުން އަންހެން ކުއްޖަކު ލިބުނު މީހެކެވެ. އޭނަގެ ފިރިމީހާގެ ހަލީލު އަލް ސަވާދީ ބުނީ އަފްރީނަކީ މިހާރު އެ މީހުންގެ ދަރިއެއް ކަމަށެވެ.

"އަހަރެމެންގެ އުފަން ދަރިންނަކާ އަފްރީން އެއްވެސް ތަފާތެއް ނުގެންގުޅޭނަން." އޭނަ ބުންޏެވެ.