ބާ އިމްތިހާނަކީ ޤާނޫނީ ދާއިރާ ހަރުދަނާކުރުމުގައި ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފަރާތުން ބޭއްވި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފު ޤާއިމުކުރުމުގައި ހަރަކާތްތެރިވާ މީހުންނަކީ ޒިންމާބޮޑު ބައެއް ކަމަށެވެ. އަދުލު އިންސާފު ޤާއިމުކުރުމުގައި ހަރަކާތްތެރިވާ މީހުން ކުރާ މަސައްކަތަކީ ޤާނޫނުގެ ބާރާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމަށެވެ.
ކޮންމެ ވަކީލަކުވެސް ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމަށްފަހު، އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަންވީ ފަންނުވެރިކަމާއެކު ވަޒީފާގެ މައިދާނުގައި ކުރިޔަށް ވަޑައިގަތުމުގެ މަސައްކަތް އަވަހަށް ފެއްޓެވުމަށް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
"ވަކީލުކަމުގެ މަސައްކަތް ކުރައްވާއިރު އެންމެ ހިނދުކޮޅަކަށްވެސް ރޮނގުން ކައްސާލައިގެން ނުވާނެ. އަބަދުވެސް މަސައްކަތް ކުރައްވަންވާނީ ކަމަށް ކަމޭ ހިތައިގެން. ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން. އަދި އެކަންކަމާ މެދު އެމީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވުނު ބާ އިމްތިހާނަކީ ޤާނޫނީ ދާއިރާ ހަރުދަނާކުރުމުގައި ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް އުއްތަމަފަނޑިޔާރު ވިދާޅުވީ މިފަދަ ބޮޑު އިމްތިހާނެއް ފުރިހަމަކަމާއެކު ބޭއްވިފައިވަނީ ބޭރުގެ ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން އުއްތަމަފަނޑިޔާރު ވިދާޅުވީ މިރާއްޖޭގެ ޤާނޫނީ ފަންނު ތަރައްޤީވެ ކުރިއެރުވުމަކީ އެންމެން ގުޅިގެން ކުރަންޖެހިފައިވާކަމެއް ކަމަށެވެ. އަދި ޤާނޫނީ ވަކީލުންނަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ ބަޔަކަށްވާންޖެހޭ ކަމަށެވެ.