ނީލަން ފިހާރަތައް ހިންގުމަށް މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުން ބިން ހަމަޖެއްސުމަށް އެދުމުން އެ ހުއްދަ ހައުސިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދީފައިނުވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.
ނީލަން ފިހާރަ ހިންގާ ފަރާތްތަކާ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށް ވިޔަފާރިވެރިން މޭޔަރުގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި، ނީލަން މުދާ ވިއްކަން ހާއްސަތަނެއް ހުންނަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ދެކޭ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އިންޑަސްޓްރިއަލް ވިލެޖަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދެންނެވި ކަމަށާއި އެހެންނަމަވެސް އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއްކަމަށް ޖަވާބުދެއްވާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫންކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށެވެ. 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރި ކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ." މޭޔަރު މުއިއްޒު ވިދާޅުވިކަމަށް މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލެސިޓީ ކައުންސިލުން ބުނެފައިވަނީ ނީލަން މުދާ ވިއްކާ ފަރާތްތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މޭޔަރު މުއިއްޒު ވިދާޅުވި ކަމަށެވެ.
ނީލަން ފިހާރައިގައި ރޯވި އެތަން އެއްކޮށް އަނދައި އަޅިއަށްވީ ޖެނުއަރީ 9 ވަނަ ދުވަހުއެވެ.
އިންޑަސްޓްރިއަލް ވިލެޖުން ބިން ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާއިރު އެ ސަރަހައްދުގެ ބޮޑު ބައެއް މިހާރު ބޭނުންކުރަމުން އަންނަނީ ބްރިޖްގެ މަސައްކަތްތައް ކުރުމަށެވެ.