Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޓޫރިޒަމް ތަޖުރިބާކުރަން އިންޑިއާ ނޫސްްވެރިން ރާއްޖެ އަށް

ޓޫރިޒަމް ތަޖުރިބާކޮށްލަން އިންޑިއާގެ ނޫސްްވެރިންތަކެއް ރާއްޖެ އަށް އަތުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ އިންޑަލްޖް އެކްސްޕްރެސް (އެންއައިއީ)، ދަ ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޑައިނިކް ޖަގްރާން ތަމްސީލުކުރާ ނޫސްވެރިންގެ އިތުރުން އިންޑިއާއި، އެމެރިކާއާއި ޔޫރަޕްގެ ނޫސްތަކުގައި ފްރީލާންސް ލިޔުންތެރިން ކަމަށެވެ.

ފަސް ނޫސްވެރިންގެ މައްޗަށް ހިމެނޭ މި ޓީމު ތިބެނީ އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓާއި، ސަން ސިޔާމް އިރުވެލީގައާއި، ވެސްޓް ސޭންޑްސް އުކުޅަސް، ރަންތަރި ގެސްޓްހައުސް އެންޑް ސްޕާ، އަދި ނާލަ ވެލި މޯލްޑިވްސްގަ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ނޫސްވެރިންގެ ޓީމުން ފަތުރުވެރިކަމުގެ އެކި ކަންކަން ތަޖުރިބާ ކުރާނެ ކަމަށާއި އަދި މި ދަތުރުގައި ކުރެވޭ ތަޖުރިބާ އެ ނޫސްވެރިން މަސައްކަތް ކުރާ މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވެ އެވެ.