Last Updated: July 16, 13:04
Thursday, July 16, 2026
ކުޅިވަރު

ރެއާލް އިން ލިވަޕޫލް ލަދުގަންނަވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ފަހަތުން އަރައި ރެއާލް މެޑްރިޑުން 5-2 އިން ލިވަޕޫލް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 14 މިނެޓްތެރޭ ލިވަޕޫލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓްގައި ލިވަޕޫލްގެ ފުރަތަމަ ގޯލު އެޓީމުގެ ފޯވާޑް ޑާވިން ނުނޭޒް ކާމިޔާބުކޮށްދިން އިރު މެޗުގެ 14 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު މުހައްމަދު ސަލާހު ކާމިޔާބު ކުރީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ރެއާލަށް ފުރަތަމަ ގޯލު ޖަހައިދިނީ މެޗުގެ 21 ވަނަ މިނިޓްގައި ވިނީޝިސް ޖޫނިއާ އެވެ. މިއީ ލިވަޕޫލްގެ އޭރިއާތެރެެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އަދި މެޗުގެ 36 ވަނަ މިނިޓްގައި ލިވަޕޫލްގެ ކީޕަރު އެލިސަން ހެދި ގޯހަކުން ވިނީޝިސް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ރެއާލް އިން ކުޅުނު އިރު މެޗުގެ 47 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޑާ މިލިޓާއޯ އެވެ. މިއީ ހިލޭ ޖެހުމަކުން ލޫކަ މޮޑްރިޗް ނެގި ބޯޅައަކުން ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 55 ވަަނަ މިނެޓްގައި ރެއާލްގެ ހަތަރު ވަނަ ގޯލު ކަރީމް ބެންޒެމާ ކާމިޔާބު ކުރިއިރު މިއީ ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޮމޭޒްގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.

ރެއާލްގެ ފަސް ވަނަ ގޯލު ޖެހީ ވެސް ބެންޒެމާ އެވެ. ބެންޒެމާ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނީ ރެއާލް ދަނޑުގަ އެވެ.