Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޑޮން 3" އަށް ޝާހްރުކެއް ނޫން، ކާތިކް؟

ޝާހްރުކް ޚާންގެ "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން އޭނަގެ ބަދަލުގައި ފެންނާނީ ޒުވާން އެކްޓަރު ކާތިކް އާރިއަން ކަމަށް ބުނާ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

ޓްވިޓާގައި މިހާރު ވަރަށް ހޫނުކޮށް މި ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް "ޑޮން" ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރާއި އޭނަގެ ފިލްމު ކުންފުނި، އެކްސަލް އެންޓަޓައިންމަންޓުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ޑޮން 3" ގެ ބަތަލަކީ ކާތިކް ކަމަށް ބުނެ ޓްވިޓާގައި ވާހަކަ ދެކެވެން ފެށުމުން އެ ވާހަކަ ގަބޫލުކުރަން ދަތިވެގެން ބައެއް މީހުން ވަނީ "ދޫމް 4" އާއި "ރޭސް 4" ގެ ބަތަލަލީ ވެސް ކާތިކް ކަމަށް ބުނެ ޖޯކް ޖަހައިފަ އެވެ. "ޑޮން 3" އާއި ކާތިކާ ގުޅުވުން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވާ އެއް ސަބަބަކީ "ހީރާ ޕޭރީ" ފްރެންޗައިޒްގެ ތިން ވަނަ ބައިގައި އަކްޝޭ ކުމާރުގެ ބަދަލުގައި ހިމެނޭނީ ކާތިކް ކަމަށް ބުނާ ވާހަކަތަކެއް ވެސް މި ދޭތެރެ އިން ދެކެވި، އެއީ ތެދެއް ނޫންކަން އިއްޔެ ކަށަވަރުވުމާ ގުޅިގެންނެވެ.

ސަބަބަކީ "ހީރާ ޕޭރީ" ގެ މައިގަނޑު ކާސްޓް ކަމަށްވާ ސުނިލް ޝެޓީ އާއި އަކްޝޭގެ އިތުރުން ޕަރޭޝް ރާވަލް އިއްޔެ "ހީރާ ޕޭރީ 3" ގެ ޝޫޓިން ފަށާފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެވެ.

"ޑޮން 3" ގެ ވާހަކަ މި ފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވުނަސް ފަރުހާން މިހާތަނަށް އެއާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނައާ އެކީ އެކްސަލްގައި ހިއްސާވާ ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ވަނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްތަކެއް ފަށާފައިވާކަމުގެ އިޝާރާތެއް މިދިޔަ އަހަރުގެ ތެެރޭގައި ދީފަ އެވެ.

ފަރުހާން ހަދަން ރަސްމީކޮށް މިހާރު އިއުލާންކޮށްފައި ފިލްމަކީ 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" އެވެ. މި އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ އެ ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ކެޓްރީނާ ކައިފެވެ.

ޝާހްރުކާ އެކީ ފަރުހާން 2006 ގައި "ޑޮން" ގެނެސްދިނުމަށް ފަހު، އޭގެ ދެވަނަ ބައި ގެނެސްދިނީ 2011 ގަ އެވެ.

މީގެ ތިން ވަނަ ބައިން ފެންނާނީ ކާތިކް ކަމަށް އަޑު އަރާފައިވާ އިރު، ކުރިއަރަމުން އަންނަ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 17 ގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ. ފާހަގަކޮށްލެވޭ ކަމަކީ "ޑޮން 3" އާއި ކާތިކް ގުޅުވި އިރު، އެހެން އެކްޓަރެއްގެ ފިލްމެއްގެ ސީކްއެލް އޭނަ ކުރިން ކުޅެފައިވާ ކަމެވެ. އެއީ އަކްޝޭގެ 2007 ގެ "ބޫލް ބުލައްޔާ" ގެ ސީކްއެލްގެ ގޮތުގައި މިދިޔަ އަހަރު ގެނެސްދިން "ބޫލް ބުލައްޔާ 2" އެވެ.