Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ފައިސަލްގެ ރައީސްކަމުގެ ހުވާގެ މައްސަލަ ބަލަނީ!

ރައީސްކަމުގެ ހުވާ ފެބްރުއަރީ 25، 2022 ގައި ނައިބު ރައީސް ކުރައްވަނީ.

ނައިބު ރައީސް ފައިސަލް ނަސީމު މިދިޔަ އަހަރުގެ ތެރޭގައި ރައީސްކަމުގެ ހުވާކުރެއްވި މައްސަލަ އަށް ގާނޫނީ ފަރުވާއެއް ބޭނުންވާ ކަމަށާއި އެކަމާ ގުޅޭ މަސައްކަތް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ވަކީލުން ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްކަމުގެ ހުވާ ފައިސަލް ކުރައްވާތީ މި އަހަރުގެ ރިޔާސީ ބަޔާން ވެސް އިއްވަން ޖެހޭނީ އެ މަނިކުފާނު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެކަން ގިނަ ބަޔަކު ގަބޫލުކުރާ މައްސަލަ އަށް ގާނޫނީ ފަރުވާއެއް ބޭނުންވޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ. "އެ މަސައްކަތް ޕީޕީއެމްގެ ލޯޔަރުން އެބަ ކުރައްވާ."

ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ކުރެއްވައި، ރައީސްގެ ޒިންމާ "މަދު ވަގުތުކޮޅަކަށް" ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ގަ އެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލަށް މަގާމުގެ ހުވާ ލައްވައި ދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ރައީސްގެ މައްސޫލިއްޔަތާ ހަވާލުވެވަޑައިގަތުމުގެ ގޮތުން މަގާމުގެ ހުވާ ފައިސަލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގަ އެވެ.

ފައިސަލް ރައީސްކަމުގެ ހުވާކުރެއްވީ އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޑޮކްޓަރުގެ ލަފާފުޅުގެ މަތިން ތައިރޮއިޑް ސާޖަރީއެއް ހެއްދެވުމަށް ސިންގަޕޫރަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ނަމަވެސް މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް އޭރު ދައްކާފައިވެ އެވެ.