ހއ. އަތޮޅުގެ އިމާމުންނާއި ހަތީބުންނަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
މި މަހުގެ 16-19 އަށް ދިއްދޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ހއ. އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން ބައިވެރިވި އެވެ.
އެ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ދާއިރާގެ ފުންނާބު އުސް ޢިލްމުވެރިންނާއި ޤާރީންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ މީހުންނަނީ އާންމު ރައްޔިތުންނާ އެކީ ފަރުޟު ފަސް ނަމާދު އިސްވެކުރައްވާ މީހުންނަށްވާތީ، އެ މީހުންގެ ޢިލްމާއި ހުނަރާއި އަދި ގާބިލުކަން އިތުރުކުރުން ކަމަށެވެ.
ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި. ފެބުރުވަރީ 16 އިން 19 އަށް ހއ. ދިއްދޫގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ހއ.އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން ބައިވެރި ވެފައިވޭ. pic.twitter.com/Wqrvz89eif
— Ministry of Islamic Affairs (@MVIaffairs) February 21, 2023
ޕްރޮގްރާމްގެ ތެރޭގައި ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތާއި މަސައްކަތުގެ އަހުލާގާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލު ބަޔާންކޮށް ދީފައިވެ އެވެ.
މީގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުރެވޭ ކުއްތަށް ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ވެސް ބަޔާންކޮށްދީފައިވެ އެވެ.
މި ޕްރޮގްރާމަކީ މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށާއި އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި އެހެން އަތޮޅުތަކުއި ވެސް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
ދިއްދޫގައި ހިންގި ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީއެވެ.