Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ލޯނު ދައްކަން ލޯނު ނެގުމަކީ ދާއިމީ ދަންތުރައެއް: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލޯނު ދައްކަން ލޯނު ނެގުމަކީ ރައްޔިތުން ދާއިމީ ދަންތުރައެއްގައި ޖެއްސުންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ އޭނާ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރުގެ ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އީވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ކުރިމަތިލެއްވިއިރު ދެއްވި އިންޓަވިއުއެއްގައިވެސް ދަރަނި ރިސްޓްރަކްޗަރ ކުރަންޖެހޭކަން ހާމަކުރެއްވި ކަމަށެވެ.

އީވާ ވިދާޅުވީ މަޖިލީހުން ލަފައެއް ދިނުމުން އެކަންކަން ސަރުކާރުން ތަންފީޒުކުރަންޖެހޭނެ ކަމަށާއި އެހެންނަމަވެސް ދަރަނި ރިސްޓްރަކްޗަރ ކުރުމަށް މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މި ގަރާރު ހުށަހެޅީ އޭރު ދިން ލަފާ ތަންފީޒުކުރުމަށް ގޮވާލާ ކަމަށެވެ.

"މިސާލަކަށް މިސަރުކާރުން ނަގާފައިވާ 46 ބިލިއަންގެ ދަރަނި، އޭގެން ބޮޑުބަޔަކީ ސިދާ ސަރުކާރުގެ ހަރަދަށް ނަގާފައިވާ ދަރަނި. ކޮންމެ ގޮތެއްވިޔަސް އެ ދަރަނި އަނބުރާ ދައްކަންޖެހެނީ ދިވެހި ރައްޔިތުންނަށް." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މެނިފެސްޓޯގައި ވަކިގޮތަކަށް އޮތްނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހް މި މައްސަލައަށް ހޯއްދެވީ ވަރަށް ވަގުތީ ހައްލެއް ކަމަށެވެ. އެއީ ލޯނު ދެއްކުމަށް ލޯނު އަނބުރާ ނެގުން ކަމަށެވެ.

"މިސަރުކާރުން ކުރިކަމަކީ ލޯނު ދައްކަން ލޯނު، އޭގެ މާނައަކީ ސަރުކާރަށް ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ވަގުތީ ހައްލެއް، އެކަމަކު ރައްޔިތުންނަށް ދާއިމާ ގާތަށް ދަރަނީގެ ދަންތުރައެއް."

އީވާ ވިދާޅުވީ މި ހިނގާ 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 113 ބިލިއަނަށް އަރާ ކަމަށެވެ. ދަރަނި ދެއްކުމަށް މި އަހަރު 5.5 ބިލިއަން ބަޖެޓް ކޮށްފައި އޮތްކަމަށާއި 2024 ވަނަ އަހަރު ދަރަނި ދެއްކުމަށް 8 ބިލިއަން، 2025 ވަނަ އަހަރު 11 ބިލިއަން އަދި 2026 ވަނަ އަހަރު 18 ބިލިއަން ދަރަނި ދެއްކުމަށް ހަރަދު ކުރަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އީވާގެ ގަރާރުގައި ބުނެފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައްުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ 5 އަހަރު ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗަރކޮށް، ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.