ދަރަނި އަނބުރާ ދެއްކުމާގުޅޭ ގަރާރުގެ ބަހުސް ހޫނުވެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެ ބަހުސްގެ ތެރެއިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދެއްކިއިރު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ހަދާފައެވެ.
އެގޮތަށް އަޑުގަދަކުރަން ފެށުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މެންބަރު ޔައުގޫބްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އަންގާފައެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީއަށްވެސް ވަނީ ނަސޭހަތް ދީފައެވެ.
އީވާގެ ގަރާރުގައި ބުނެފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައްުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ 5 އަހަރު ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗަރކޮށް، ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.