Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މިހާތަނަށް 300،000 އަށް ވުރެ ގިނަ ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 300،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 20 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 301،658 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި މިންވަރާ އަޅާބަލާ އިރު 27.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލަކު 5،915 ޓޫރިސްޓުން ދަތުރުކުރެ އެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަކީ ރަޝިއާއިންނެވެ. އެ ގައުމުން މި މަހުގެ 20 އާ ހަމައަށް 38،539 ޓޫރިސްޓުން އައިސްފައިވާ އިރު، ދެވަނައިގައި އޮތް އިންޑިއާ އިން 33،001 ޓޫރިސްޓުން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 28،307 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި މަސް ފެށުނު ފަހުން 20 އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 129،159 ޓޫރިސްޓުންނެވެ. މިދިޔަ މަހު ޒިޔާރަތްކުރީ 172،499 ޓޫރިސްޓުންނެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ ޕްރޮމޯޓްކުރަން ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، ރާއްޖޭގެ ޕްރޮމޯޝަނަށް މިހާރު ވެސް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.