ވެރިކަމަށް އައުމަށްފަހު ނުކުރާނެ ކަމަށް ކެމްޕޭނުގައި ބުނި ހުރިހާ ކަމެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލޯނު ނެގި ކަމަށާއި އެހެންނަމަވެސް އެ ލޯނުން ކުރި ކަންކަން ފެންނަން ހުރި ކަމަށެވެ. އަދި އެ ދަރަނި ދެއްކުމަށް އަޅާފައިހުރި ފިޔަވަޅުތައްވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮތްއިރު ނުކުރަން ބުނި ހުރިހާ ކަމެއް މިއަދު ކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ކުރަނީ ދަރަނި ނަގައިގެން ކަމަށްބުނެ ދަރަނި ނުނަގާނެ ކަމަށް އޭރު ބުނި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގެ މަތިބަރު ވާހަކަ އޭރު ދެއްކިއިރު ސިޔާސީ މަގާމުތަކުގެ ގޮތުގައި އޮތީ 390 ސިޔާސީ މަގާމު ކަމަށާއި އެހެންނަމަވެސް މިއަދު ސިޔާސީ މަގާމުތަކުގެ ގޮތުގައި 1420 މަގާމު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިސަރުކާރުން އިގްތިސާދު ހަރުދަނާ ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ފައިސާ ޗާޕުކޮށް އިގްތިސާދު ހިނގާ ކަމަށް ވިދާޅުވާއިރު އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބުރަބޮޑުވެ ތަކެތީގެ އަގު ބޮޑުވާކަން ފާހަގަކޮށް ޝިޔާމް ވަނީ އެކަން ސަރުކާރަށް ތާއީދުކުރާ މެންބަރުން ފާހަގަނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި އެހެން އެއްވެސް ސަރުކާރެއްގައި ނުއުފައްދާހާ ދަރަނި މިސަރުކާރުގައި އެކަނިވެސް އުފައްދާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.