Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

މެޑޯނާ ބުނަނީ "ސާޖަރީ ދުޅަ ތިރިވެއްޖެ" ކަމަށް

ދާދި ފަހުން ބޭއްވި މި އަހަރުގެ ގްރެމީ އެވޯޑްސްގައި މަޝްހޫރު ބަތަލާ މެޑޯނާ ބައިވެރިވި އިރު އޭނަގެ މޫނު ފުފި، ދުޅަވެފައި ހުރި ކަހަލަ ގޮތަކަށް ފެނިގެން އަނެއްކާ ވެސް އޭނަ ކޮސްމެޓިކް ސާޖަރީއެއް ހެދީ ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކެއް ރައްދެއް ދީފި އެވެ.

އަމިއްލަ ފޮޓޯއަކާއި ލާފިން އިމޯޖީއަކާ އެކީ 64 އަހަރުގެ ފަންނާނު ކުރި ޓްވީޓެއްގައި ބުނީ "ސާޖަރީގެ ދުޅަ މިހާރު ތިރިވުމުން މިހާރު ކިހާ ލޯބި ހެއްޔޭ" އެވެ. މެޑޯނާ މިފަދަ ރައްދެއް ދިނީ ސާޖަރީއެެއް ނަހަދާކަން ހާމަކުރުމުގެ ގޮތުންނެވެ.

އެކަމަކު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ އޭނަ އަށް އައިސްފައި ހުރި ބަދަލުން ޒުވާންވާން ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. ގްރެމީގައި މެޑޯނާ ފެނުމުން ފުރަތަމަ ބައެއް މީހުންނަށް އޭނަ ވަކިކުރަން ވެސް ނޭނގިގެން އުޅެން ޖެހުނެވެ.

އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނަ އިންސްޓަގްރާމްގައި ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އޭނަ ބުނީ އަންހެނުން ދުވަސްވުމުން އެ މީހުން ބަލައިގަންނަން ބައެއް މީހުންނަށް ދަތިވާ ކަމަށާއި ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ބައެއް މީހުން ބަލަނީ އެ މީހެއްގެ ސިފައާ އަޅައިގަނެވޭތޯ ކަމަށް މެޑޯނާ ބުންޏެވެ. އެކަމަކު އޭނަ ސިފަ އާއި ހެދުން އަޅާ ގޮތަށް ބަޔަކު ފާޑުކިޔަސް އެކަމާ ދަރެވެގެން މައާފަށް ނޭދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.