ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
ޝަރީފްގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ބުނަމުންދަނި ކޮށެވެ.
ކެލާ މެންބަރު ޝަރީފު މަޖިލީހުގައި ނިޒާމީ ނުކުތާތަކެއް ނަގަންފަށާފައިވަނީ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރުގެ ބަހުސް ހޫނުވި ވަގުތެއްގައެވެ.
އެ ބަހުސްގެ ތެރެއިން ޝަރީފް ވަނީ ނިޒާމީ ނުކުތާނަންގަވާ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނުވަތަ ނައިބު ރައީސް ނޫން އެހެން ބޭފުޅަކު އިންނަނަމަ އެ ސަބަބު ހާމަކުރަންވާނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށް ބުނެފައެވެ. އެކަން ފާހަގަކޮށް މަޖިލީހުގައި އަޑުގަދަ ކުރަން ފެށުމުން ރިޔާސަތުން ވަނީ ޝަރީފަށް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިފައެވެ. އެހެންނަމަވެސް ގަރާރަށް ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި އެވާހަކަ ޝަރީފް ތަކުރާރުކޮށް ދެއްކެވުމުން ރިޔާސަތުން ވަނީ ޝަރީފްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މިއަދު ހެނދުނުގެ ދަންފަޅީގައި ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރުމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެެރެފައެވެ.