Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ސަރުކާރު ކޮރަޕްޓުވީ މަޖިލިސް ކޮރަޕްޓުވުމުން

މެންބަރު އާދަމް ޝަރީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކޮރަޕްޓުވާން ފުރުސަތު ލިބުނީ ރައްޔިތުންގެ މަޖިލިސް ކޮރަޕްޓު ވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މީގެ މާކުރިން އިދިކޮޅު ފަރާތްތަކުން މިސަރުކާރުގެ ދަރަނީގެ ވާހަކަ މަޖިލީހުގައި ދެއްކި ކަމަށެވެ.

އެހެންނަމަވެސް ޤާނޫނުތަކަށް ބަދަލުގެނެސްގެން ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ސަރުކާރަށް ހޯދައިދިނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޓްތަނެއް ކަމަށް ވިދާޅުވިއެވެ.

"މިއީ [ރައްޔިތުންގެ މަޖިލީހަކީ] ކޮރަޕްޓުތަނެއް. މި މަޖިލިސް ކޮރަޕްޓުވެގެން މި ސަރުކާރު ކޮރަޕްޓުވާން ފުރުސަތު މިހާބޮޑަށް ލިބިގެން މިދިޔައީ. އެހެންނޫންނަމަ ފުރަތަމަ ދުވަހުން ފެށިގެން މި މައްސަލައަށް ހައްލުގެނެވޭނެ ފުރުސަތު މިމަޖިލީހުގައި އޮތް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާރު ގައުމު އޮތީ ބަނގުރޫޓުވާ ހިސާބަށް ގޮސްފައިކަމަށާއި ސަރުކާރު އޮތީ ނޭވާހޮޅިއަށް އެޅިފައިކަމަށެވެ. މިހިސާބަށް ގައުމުގެ ހާލަތު ދިޔައީ ސަރުކާރަށް ހިންގަން ނޭންގުމުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރެއް ސްލޯވުމުން ލިބޭނެ ހުރިހާ ގެއްލުމެއް މިއަދު ފެންނަންފަށާފައިވާ ކަމަށާއި ރިކަރެކްޓް ހަރަދު އިންތިހާ ބޮޑުވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އީވާގެ ގަރާރުގައި ބުނެފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައްުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ 5 އަހަރު ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗަރކޮށް، ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.