ލޯނެއް ދެއްކުމަށް ބޮޑު އިންޓަރެސްޓުގައި އިތުރު ލޯނެއް ނެގުމަކީ މޮޅުކަމެއް ނޫން ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިފަދައިން ވިދާޅުވެފައިވަނީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޔާސިރު ވިދާޅުވީ އެކި ވެރިކަންތަކުގައި ނެގި ލޯނުތަކުން މިއަދު ރާއްޖޭގެ ދަރަނި ހުރީ 105 ބިލިއަނުގައި ކަމަށެވެ. އަދި ރާއްޖެއަށް އަހަރުން އަހަރަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުގެ ފަރަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ. އަދި އެކަން ހައްލު ނުކުރެވޭނަމަ ރާއްޖޭގެ މިސްރާބުހުރީ ރަނގަޅަށް ކަމަށް ނުބުނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެއް ބޭންކަކުން އަޅުގަނޑު 7 ޕަސެންޓްގައި ނަގާފައި އޮންނަ ލޯނެއް ދައްކަން، އަނެއްކާ އަނެއް ބޭންކަކަށް ގޮސްފައި 11 ޕަސެންޓު ލޯނުނަގައިގެން ކުރީގެ ލޯނު ދެއްކީމަ އެކުރެވުނީ މާމޮޅުކަމެއް ގޮތަށް ދެކިގެން ނުވާނެ. އެއިކީ މާބޮޑު ވިސްނުމެއްވެސް، މާބޮޑު އިލްމެއްވެސް ބޭނުންވާ ކަމެއް ނޫން. އެކުރެވުނީމީ އަދި މާ ބުއްދިވެރި، މާ މޮޅު ކަމެއްވެސް ނޫން."
ޔާސިރު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ވިސްނަންޖެހޭ ކަމަށެވެ. ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ ދަރަނި ދެއްކުމުގެ ވަގުތު ޖެހުމުގެ ކުރިން އެނެގި ފަރާތަކާ ވާހަކަދައްކައިގެން ދަރަނި ދެއްކުމަށް ލުއި ގޮތްތަކެއް ހޯދުންކަން ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރުކުވެސް ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކުރާ އަދަދަށްވުރެއް އިތުރަށް ހަރަދުތައް ހިނގާކަން ފާހަގަކޮށް ޔާސިރު ވިދާޅުވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އަދި އެމްއެމްއޭއިންވެސް އެކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެކަމަށް ވިސްނާ ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް މިއަހަރުގެ ބަޖެޓުގައި ފާހަގަކޮށްފައި ހުރިކަންކަން އަދިވެސް ހިނގާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އާމްދަނީ އިތުރުކުރުމަށް ކޮންމެ އަހަރު ބަޖެޓްގައި ޖަހާކަންކަންވެސް ނުވާކަމަށް ޔާސިރު ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމަށް ބިން ދޫކުރުމާއި ހިލޭ އެހީ ހޯދުންފަދަ ކަންކަން އަންދާޒާކުރާ މިންވަރާ ގާތަށްވެސް ނުދާކަމަށް ވިދާޅުވިއެވެ. އަދި މިވާހަކަތައް ނުދައްކާ ދެން ނުތިބެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަކަށް ނުބީހެންޏާ ކަނޑާހަމައޭ ކިޔާފައި ތިބެވޭކަށް ނެތް. ނުބީހެންޏާ އެއީ ކަނޑާހަމައެއް ނޫން، އަޅުގަނޑުމެންނަށް ހައްގު ރީތި މަންޒަރު ފެންނާނީ ދިރުނބާ ކޮޅަށް ގޮސް، ރީތިކޮށް ޓޯޗުއަޅުވާ މިނިވަން ލޮލަކުން ކަންކަން ބަލާލީމަ." ޔާސިރު ވިދާޅުވިއެވެ.
އީވާ ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.