ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ގަނަޕަތު: ޕާޓް 1" މި އަހަރުގެ އޮކްޓޯބަރު 20 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިދިޔަ އަހަރު އަމީތާބް ބައްޗަނާ އެކީ "ގުޑް ބާއި" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލްގެ މި ފިލްމު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 3 ގަ އެވެ. ނަމަވެސް ފިލްމު އޮކްޓޯބަރު 20 އަށް އަވަސް ކުރިކަން އިއުލާންކުރީ ޓައިގާއާ އެކީ މިއަދު ގެނެސްދިން މޯޝަމް ޕޯސްޓަރަކުންނެވެ.
"ގަނަޕަތު" ގެ ކާސްޓްގައި ވެސް އަމީތާބް ހިމެނޭ އިރު، މީގެ ބަތަލާ އަކީ ޓައިގާއާ އެކީ 2014 ގެ "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ކްރިތީ ސެނަން އެވެ. މިއީ އެ ފިލްމަށް ފަހު މި ދެ ތަރިން އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ހިމެނޭ ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހީރޯޕަންތީ 2" އެވެ. އޭނަ މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކީ ކުޅޭ، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ މަސައްކަތްކުރަމުންނެވެ.