ގައިމޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމުމާ އެކީ އެ ޕާޓީންގެ ކޯލިޝަންގެ މަޝްވަރާތައް ކުރުމަށް އެމްޑީޕީއާ މިއަދު ބައްދަލުކުރަން ނިންމައިފި އެވެ.
އެ ބައްދަލުވުން އޮންނާނީ އެމްޑީއޭގެ އޮފީހުގައި މިއަދު މެންދުރު 12:00 ގަ އެވެ.
ބައްދަލުވުމުގައި ބައިވެރިވާނީ އެމްޑީއޭގެ ކޯލިޝަން ކޮމިޓީގެ މެމްބަރުންނާއި އެމްޑީޕީގެ ފަރާތުން ބައިވެރިވާ މެމްބަރުންނެވެ.
އެގޮތުން މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެމްޑީއޭ އިން ބައިވެރި ވާނީ އެ ޕާޓީގެ ކޯލިޝަން ކޮމިޓީގެ ޗެއާ އަދި ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފައި ޑެޕިއުޓީ ޗެއާ، ނައިބު ރައީސާ އައިޝަތު ރަފިއްޔާ އެވެ.
ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަނުކުރެއްވުމަށް ނިންމެވުމާ އެކީ އެމްޑީއޭ އިން ވަނީ ކޯލިޝަނަކާ އެކު ކުރިއަށް ދިއުމަށް ނިންމައިފަ އެވެ. ދާދި ފަހުން ސިޔާމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަނުކުރި ނަމަވެސް އެއީ އެމްޑީޕީއާ އެކީ އެމްޑީއޭ އިން ކޯލިޝަން ހެދުމަށް ދައުވަތު ދެއްވަން ބޭއްވި ބައްދަލުވުމެއް ކަމަށްވެ އެވެ.
އެމްޑީއޭ އަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ.
ސަރުކާރުގައި މިހާރު ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އަދާލަތު މިހާރު ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައި، އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ރަސްމީކޮށް ނިންމައިފަ އެވެ. ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ދެން ހިމެނޭ ޕާޓީތަކަކީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމެވެ. އެކަމަކު އެ ދެ ޕާޓީން އަދި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ކުރުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.