އައްޑޫ ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އޭ ކެޓަރީގެ 27 ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޭ ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރު ހުޅުވާލައި، ސުންގަޑި ހަމަވި އިރު، 41 މީހަކު ފޯމް ހުށަހަޅާފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމް ހުޅުދު އާއި މީދޫގެ އަވަށު އޮފީސްތަކުންނާއި ކައުންސިލް އިދާރާގެ އިތުރުން ކައުންސިލްގެ ވެބް ސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
ކައުންސިލުން ބުނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކުރާނީ ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން މި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމީދޫގައި 48 ފްލެޓް ހަދާފައިވެ އެވެ. އެ ފްލެޓްތަކުގެ ބީ ކެޓަގަރީން ފްލެޓްތައް ލިބުނު މީހުންނާ މިދިޔަ އަހަރުގެ ފަހުކޮޅު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކޮށްފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިތަދޫގައި ވެސް 264 ފްލެޓް ހެދި އެވެ. އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.