ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތައިލޭންޑްގެ ނޫސްވެރިންތަކެއް ރާއްޖެ ގެނެސްފި އެވެ.
މި ނޫސްވެރިން ރާއްޖޭގެ ޓޫރިޒަމް އަމިއްލަ އަށް ތަޖުރިބާކޮށް، މީޑިއާތަކުގައި ގެނެސްދޭނެ އެވެ. ތައިލޭންޑުން އައި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ހަ ނޫސްވެރިއެކެވެ. އަދި އެ މީހުން ރާއްޖޭގައި ހަ ދުވަސް ހޭދަކުރަން ހަމަޖެހިފައިވާ އިރު، ޕުލްމަން މޯލްޑިވްސް މާމުއްޓާ އާއި މާކިއުއާ މޯލްޑިވްސް ކޫއްޑޫގެ އިތުރުން ރީތި ބީޗް ރިސޯޓް ތަޖުރިބާކުރާނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ ނޫސްވެރިން ޒިޔާރަތްކުރާ ފެސިލީޓަކުން ލިބެން ހުރި ތަފާތު ޚިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އެ މީހުން މަސައްކަތްކުރާ މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށެވެ. އެމްއެމްޕީއާރްސީން ބުނީ މި ދަތުރުގައި ބައިވެރިވާ ނޫސްވެރިން ގެނެސްދޭ ކޮންޓެންޓްތައް 6 މިލިއަން މީހުންނަށް ފޯރާނެ ކަމަށެވެ. ތައިލޭންޑަކީ 38 ވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖެ ޕްރޮމޯޓްކުރަން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ވެސް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިރު، މީގެ ކުރިން ވެސް ދުނިޔޭގެ އެކި ހިސާބުތަކުން ނޫސްވެރިން ގެނެސްފައިވެ އެވެ.