Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ނަހުލާ އާއި ހަނަފީގެ ކެމްޕޭނަށް "ޖޭޕީ މެކުހަށް"

ޖުމްހޫރީ ޕާޓީން "ޖޭޕީ މެކުހަށް" ގެ ނަމުގައި ރަސްމީކޮށް ކެމްޕޭން ހަރަކާތްތަކެއް ފަށައިފި އެވެ.

މި ހަކަރާތް ރޭ ފެށީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ "ޖޭޕީ މެކުހަށް" ޖަގަހަ ކުރިމަތީ ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ.

މި ހަރަކާތަކީ އަންނަ ހަފުތާގައި ބާއްވަން ހަމަޖެހިފައިވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް ވާދަކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕޭން ހަރަކާތެކެވެ.

އެގޮތުން ރޭ ޖަގަހަ ހުޅުވަދެއްވީ އެ ދެ ބޭފުޅުންނެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ނަހުލާ އާއި ހަނަފީގެ އިތުރުން 10 ބޭފުޅަކު ވާދަކުރައްވަ އެވެ. އޭގެ ތެރެއިން ފަސް ބޭފުޅަކު އެ މަގާމަށް އިންތިޚާބުކުރާނެ އެވެ.

މި އިންތިޚާބު އޮންނާނީ މި މާދަމަ އާއި ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބާއްވާ ގައުމީ ކޮންފަރެންސްގަ އެވެ. މި ކޮންފަރެންސްގައި ނައިބު ލީޑަރުން އިންތިޚާބު ކުރުމުގެ އިތުރުން، މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިންމުންތައް ނިންމާނެ އެވެ.

މި ފަހަރުގެ ކޮންފަރެންސްގައި 900 މެމްބަރުން ބައިވެރިވާނެ ކަމަށް ޖޭޕީން ބުންޏެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެ އެވެ.