Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރޯދައަށް ފޭސް 2 ގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގެ ތެރެއިން- ފޮޓޯ: މާލެސިޓީ ކައުންސިލް

ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލުން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އެގޮތުން ވާހަކަ ދައްކަވަމުން، ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭތަނެއް ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އާއިލާތަކެއް މިހާރު އުޅެމުން އަންނަ ކަމަށެވެ. އަދި އެ ފަރާތްތަކަށް ރަމަޟާން މަހު ދުރަށް ދަތުރު ނުކޮށް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދޭނެ ގޮތަކަށް މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއް ގޮތަށް މިކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

”އެފަރާތްތަކަށް ރަމަޟާންމަހު މާލެ އާއި ހަމަޔަށް އައިސް ނުވަތަ ފޭސް 1 އަށް ގޮސް ދުރު ހިސާބުތަކަށް ގޮސްގެން މި ބޭނުންވާ ތަރުކާރީ އާއި މި ތަކެތި ހޯދުން ދަތި ކަމަކަށް ވެދާނެ، އެހެންވީމަ މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަންގެންދާނީ“ މޭޔަރު ވިދާޅުވިއެވެ.

މީގެއިތުރަށް މޭޔަރު ވިދާޅުވީ ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އޭގެން އާމްދަނީއެއް ލިބޭގޮތަށް ކަމަށެވެ.