Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ހޮންޑާ އާއި ޓޮޔަޓާ އިން މުސާރަ ބޮޑުކުރަނީ

ޖަޕާންގެ މަޝްހޫރު ކާރު ކުންފުނިތައް ކަމަށްވާ ހޮންޑާ އާއި ޓޮޔަޓާ އިން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

ދެ ކުންފުނިން ވެސް ބުނެފައި ވަނީ މުސާރަ ބޮޑު ނުކުރާތާ ގިނަ އަހަރުތަކެއް ފަހުން، މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައި ގެންނަ ބަދަލު ވާނީ މި ފަހުގެ ތާރީހެއްގައި ޖަޕާންގެ މުވައްޒަފުންތަކަކަށް ލިބޭނެ އެންމެ ބޮޑު މުސާރައިގެ ކުރިއެރުމަށް ކަމަށެވެ. ޖަޕާންގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހޮންޑާ އާއި ޓޮޔަޓާ އިން މުސާރަ ބޮޑުކުރަން ނިންމި އިރު، މިދިޔަ މަހަކީ ފާއިތުވި 40 އަހަރުގެ ތެރޭގައި އެ ގައުމުގައި އިންފްލޭޝަން ވެސް ރެކޯޑް މިންވަރަކަށް އުފުލުނު މަހެކެވެ.

ޓޮޔަޓާ އިން ބުނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާތީ މުވައްޒަފުންގެ ޔުނިއަންއާ ބައްދަލުކޮށް އެ މީހުންނާ ޑިމާންޑްތަކާ އެއްގޮތަށް މުސާރަ އާއި ބޯނަހުގެ އޮނިގަނޑަށް ވަރަށް އެދެވޭ ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އަދި މި ބަދަލު ވާނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޓޮޔަޓާގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.

ހޮންޑާ އިން ބުނީ އެ ކުންފުނިން މިހާރު މުވައްޒަފުންގެ ޔުނިއަންއާ ބައްދަލުކޮށް އެތަނުން ފެންމަތިކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ޒުވާން މުވައްޒަފުން ތިބި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މުސާރަ އަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެކަމުގެ ޔަގީންކަން މިހާރު ވަނީ ދީފަ އެވެ.

ޓޮޔަޓާގެ މުވައްޒަފުންގެ އަދަދު 366،000 އަށް ވުރެ ގިނަ އެވެ.

ހޮންޑާ އިން މުވައްޒަފުންގެ މުސާރަ ބޮޑު މި ކުރަނީ ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފަހުންނެވެ. އެ ކުންފުނީގައި 204،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

ޖަޕާންގައި މުސާރައިގެ ކުރިއެރުން ނުލިބޭތީ މަސައްކަތްކުރާ އާބާދީގެ ތެރޭގައި އޮތް ބޮޑެތި ކަންބޮޑުވުންތަކާ ހެދި މިދިޔަ އަހަރުގެ ފަހުކޮޅު ސަރުކާރުން ބުނެފައި ވަނީ މި އަހަރުގެ އިގުތިސާދީ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަން ދޭނެ އެއް ކަމަކީ މުސާރަތައް ބޮޑުކުރުން ކަމަށެވެ. އެގޮތުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ މުސާރަތައް ބޮޑުކުރަން މަސައްކަތްކުރާނެ ކަމަށް ޖަޕާން ސަރުކާރުން ބުނެފައިވެ އެވެ.