ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ އާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
އަންނަ މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓަށް އާޝިމާ ޗިބާރް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގައި ދައްކުވައި ދޭނީ ނޯވޭގައި ދިރިއުޅޭ އިންޑިއާގެ ދެމަފިރިއެއްގެ ދަރިންތަކެއް ނޯވޭގެ ވެލްފެއާ އަށް ނެގުމުން ދަރިންގެ ހައްގު ހޯދަން މަޔަކު ކުރާ ހިތްވަރުގަދަ މަސައްކަތެވެ.
މި ފިލްމުގެ ކާސްޓްގައި ނީނާ ގުޕްތާ އާއި ޖިމް ސަރްބްގެ އިތުރުން އަނިރްބަން ބަޓަޗަރިއާ ވެސް ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، މާ ބޮޑު ތަރުހީބެއް ނުލިބުނު "ބަންޓީ އޯރް ބަބްލީ 2" އެވެ.