މޯލްޑިވިއަނުން ޗައިނާ އަށް އަނެއްކާވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މޯލްޑިވިއަނުން މިހާރު ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
އެގޮތުން ޗައިނާއަށް ދަތުރުތައް ފުޅާކުރުމަކީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ޖެނިފާ ވިދާޅުވީ މިހާރު ހޯދުމަށް އިއުލާނު ކޮށްފައިވާ ބޯޓު ލިބުމުން ޗައިނާއަށާއި، ޔޫރަޕަށް ދަތުރުތައް ފަށާނެކަމަށެވެ.
މޯލްޑިވިއަނުން މީގެކުރިން ޗައިނާއަށް ކުރަމުންއައި ދަތުރުތައް ހުއްޓާލާފައިވަނީ އެކުންފުނީގެ ފްލީޓްގައި އޮތް އެންމެ ބޮޑު ބޯޓުގެ ލީސް ހަމަވުމާއި ގުޅިގެން ދޫކޮށްލަން ޖެހުމުންނެވެ.