ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރާ ގޮތާމެދު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ހިތްހަމަޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ރާއްޖޭގެ ދަރަނި ރިސްޓްރަކްޗަރ ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަށް އަމަލުކުރުމަށް ގޮވާލާ މިހާރު ބަހުސް ކުރެވެމުންދާ ގަރާރާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލާ ގުޅިގެން މިއުވާން ވިދާޅުވީ ރާއްޖޭގެ ދަރަނި މެނޭޖްކުރެވެމުންދާ ގޮތާމެދު އައިއެމްއެފްއިން ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ދަރަންޏާ މުޅި އިގްތިސާދީ ހާލަތު އެބަ އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭ." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށާއި، އަދި އަޅާ ފިޔަވަޅުތައް ދުނިޔޭގެ އިދާރާތަކުން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން ދަރަނީގެ މައްސަލައިގައި ސިޔާސީ ބައެއް ފަރާތްތަކުގެ ހިޔާލުތަފާތުވީނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތްކަމަށް މިއުވާން ވިދާޅުވިއެވެ.
ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މެންބަރު އީވާ އަބްދުﷲއެވެ.
އީވާ ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.